ޚަބަރު

އަމާޒަކީ ދިވެހީންނަށް މާލީ މިނިވަންކަން ހޯދައިދިނުން: ފިނޭންސް މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަަވަނީ / ފޮޓޯ:މީރާ

މިޒަމާނުގައި ހަގީގީ މިނިވަންކަން ލިބިގެންދާނީ މާލީގޮތުން މިނިވަންވެގެން ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ވެސް ހުރިހާ ދިވެހި ރައްޔިތުންނަށް އެކަން ހާސިލްކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރ އެފަދައިން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދޭ ހަފްތާ 104 ޕްރޮގްރާމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ  ދިވެހިންނަކީ ހުރިހާ މާނައެއްގައިވެސް މިނިވަން ބައެއްގެ ގޮތުގައި ހެދުމަށް، މިނިވަން ދިވެހިރާއްޖެއެއް ދިވެހިންނަށް ހޯދައިދީ، ދިވެހިންނަކީ އިގުތިސޯދީ ގޮތުން މިނިވަންބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންވެވިގެން. އެހެންވީމަ އަޅުގަނޑުމެން، ރައީސް މުއިއްޒުގެ އެންމެބޮޑު އެއް އަމާޒަކީ އިގުތިސާދީ މިނިވަންކަން ހޯދައިދިނުން. އިގުތިސާދީ މިނިވަންކަން ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ލިބިފައި އޮންނާނެ އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ފަސްއަހަރު ނިމޭއިރު،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު މިދާގޮތުން ކުރިއަށްދާނަމަ ދަރަނި މެނޭޖުކުރެވި، އިތުރު އިންވެސްޓްމަންޓްތަކާއި އެކު ލިބޭ އާމްދަނީއާއެކު އިގުތިސާދު ސިންދަފާތުކޮށް އަމިއްލަ މަސައްކަތްކޮށްގެން ހިންގޭ ޕްރޮޖެކްޓްތަކުން އާމްދަނީ ހޯދައި، އަދި ޑިވެލޮޕަރުންނާއިއެކު ކުރެވޭ މަސައްކަތުން އެހެން ފަރާތަކަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަމިއްލަ އަމިއްލަ ފައިމައްޗަށް ތެދުވެތިބެ، އަމިއްލަވަންތަ އިގުތިސާދެއް ބައްޓަންކުރެވިދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީވެސް އެމަގުން ކުރިއަށްދިއުން ކަމަށާއި، ސަރުކާރުގެ ފަސްއަހަރު ނިމޭއިރު، އަދި މިހާރު ދަޢުލަތަށް ލިބޭ އާމްދަނީއާއި މާލީ ހިސާބުތަކަށް ބަލާއިރު ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި ފަސްއަހަރު ނިމިގެންދާއިރު، އިގުތިސާދީ ގޮތުން ފުދުންތެރި، ދިވެހި އެންމެހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެކަން ކަށަވަރު ކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އޭގެ އެންމެފުރިހަމަ ގޮތުގައި ފައިދާވާގޮތަށް ލިބިދެވޭނެކަން ޔަގީންކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ads by Allied Insurance