މުނިފޫހިފިލުވުން ދިވެހި ސިނަމާ

ލިލީގެ ފަސް ޝޯ ހައުސްފުލްވެ މިމަހު 25 ގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ފިލްމު ލިލީގެ މަންޒަރެއް. މި ފިލްމު މިހާރު އޮލިމްޕަސްގައި ދަނީ ދައްކަމުން

މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުން ދާ ދިވެހި ފިލްމު "ލިލީ" ގެ އިތުރު ޝޯތަކަކަށް ހުޅުވާލައި ޓިކެޓު ވިއްކަން ފަށައިފި އެވެ.

Ads by MPL

މިމަހު 20 ވަނަ ދުވަހުގެ ރޭ ބޮޑު ހަފްލާ އަކާއިއެކު އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރި "ލިލީ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިހާތަނަށް އެ ފިލްމުން ވަނީ ހައުސްފުލް ތިން ޝޯވ އޮލިމްޕަހުގައި ދައްކައިފަ އެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ރެއާއި ހިސާބަށް ޝޯތައް ހައުސްފުލްވެ 24 ވަނަ ދުވަހުގެ ރޭގެ ޝޯވެސް މިހާރު ވަނީ ގާތްގަނޑަކަށް ފުލްވެފަ އެވެ.

ފިލްމު އުފެއްދި ކްރިއޭޓިވް ނެޓްވޯކުން ބުނީ އަންނަ އަންގާރަ ދުވަހުގެރޭ ދައްކަން ހަމަޖެހިފައިވާ ޝޯގެ ޓިކެޓު  މިއަދު ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ބޮޑު ތަރުހީބެއް ފިލްމަށް ލިބެމުން އަންނަ ކަމަށްވެސް އެ ޕްރޮޑަކްޝަން ހައުސްއިން ބުންޏެވެ.

ފިލްމުގެ ޓިކެޓު ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަަށް އޮލިމްޕަސް ކައުންޓަރުންނެވެ. މީގެ އިތުރުން ކައުންޓަރު ބަންދު ގަޑިތަކުގައި ވެބްސައިޓު މެދުވެރިކޮށްވެސް ޓިކެޓު ނެގޭނެ ކަމަށް ޓީމުން ބުންޏެވެ. ވައިބަރ މެދުވެރިކޮށް ޓިކެޓު ނެގުމަށް 7505079 އަށް މެސެޖު ކުރުމަށްވެސް ޓީމުން ވަނީ ބުނެފަ އެވެ.

އިއްޔެ ލިލީގެ ހައުސްފުލް ދެ ޝޯވއެއް އޮލިމްޕަހުގައި ދެއްކި އެވެ. އެއީ ރޭގަނޑު 8:30 ގެ ޝޯވއާއި 11:30 ގެ ޝޯވ އެވެ. މިފިލްމު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 30 އަށެވެ.

ގެވެށި އަނިޔާ ލިބެމުންދާ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް ބިނާކޮށް، ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ "ލިލީ" ގެ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، މަރިޔަމް ހަލީމް، އަހުމަދު ނިމާލްގެ އިތުރުން އަލީ ފާރޫގެވެ. މި ފިލްމު ލިޔެ ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހިމް އެވެ. މިއީ މުހައްމަދު އަރީހު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުން ދާއިރު އަތޮޅު ތެރޭގައިވެސް ފިލްމު އަޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަތޮޅު ތެރެއިންވެސް މި ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.