ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސް: މެޓް އޮފީސް

ނުޙާ އަޙްމަދު ، ދެން އޮންލައިން

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

Ads by STELCO

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މި ތިން ދުވަހުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަ ވާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މިދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC