ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން ހައި ކޯޓުން ސޯޝަލް މީޑިއާގައި މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
އެއާއެކު ހައި ކޯޓު ހިންގުން އަބްދުﷲ ޖަމީލު މޫސާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ހައިކޯޓުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަން ވަނީ އެނގިފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ފައިސަލް ކުރިން ފުރުއްވައިފައިވާ މަގާމްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމް ހިމެނެއެވެ. އޭގެ އިތުރުން އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުން، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވައިފައެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައިކޯޓުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
