ނަޝީދު ފައްޔާޒަށް ތައުރީފު ކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެންފި
އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި އިރު، ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ތައުރީފު ކުރައްވައިފިއެވެ.
ފައްޔާޒު ވެސް ވަނީ 2028ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަޝީދު ވެސް ވަނީ އެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް މީގެ ކުރިން ކުރައްވައިފައެވެ.
ނަމަވެސް އެކި މަސްދަރުތަކުން އެނގޭ ގޮތުގައި، ރިޔާސީ ޓިކެޓް ގުޅިގެން އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް ބައިބައިވުމުގައި ނަޝީދާއި ފައްޔާޒު ހުންނެވީ އެކުގައެވެ. ސާފުނުވާ ކަމަކީ އެއިން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ބޭފުޅެކެވެ.
ކޮންމެއަކަސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.
"އެމްޑީޕީ އުފެދުނީއްސުރެން ޕާޓީއަށް ފައްޔާޒު އިސްމާއީލް އެ ވަނީ ނުހަނު ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައި. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހި ވަޑައިނުގެން، ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުމެއް ވެސް ޖަލަށް ވެސް ވަޑައިގެންނެވި," ނަޝީދު ލިއުއްވާފައިވެއެވެ.
އަދި ޕާޓީއާ އެކު ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ލިއުއްވިއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އިޝާރާތްކުރެއްވީ ވެސް ރިޔާސީ އިންތިހާބަށެވެ.
އަންނަ މާލެ މޭޔަރުގެ ޕްރައިމަރީގައި ވެސް ނަޝީދުގެ ވަފާތެރިންނާއި ފައްޔާޒުގެ ސަޕޯޓަރުން ތާއީދުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ. ސޯލިހުގެ ސަޕޯޓަރުން ތިބީ މިހާރު މޭޔަރު އާދަމް އާޒިމާ އެކުގއެވެ.

