ބޭނުންވަނީ މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އިންފްރާސްޓްރަކްޗަރ ވެސް ގާއިމުކުރަން: ރައީސް
ބޭނުންވަނީ މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އިންފްރާސްޓްރަކްޗަރ ވެސް ގާއިމުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
2023ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމާލެ މަޝްރޫއު ފަށައި ހިއްކަން ފެށި ނަމަވެސް އެ މަޝްރޫއު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ސަރުކާރުން ކަނޑައެޅި ނަމަވެސް މިހާތަނަށް އަދި ހިއްކުނީ އެންމެ 200އެއްހާ ހެކްޓަރެވެ.
ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެންމެ ލަސްވެގެން އަންނަ އަަހަރުގެ މޭ މަހާ ހަމައަށްދާ އިރު ރަސްމާލެ ހިއްކާ ނިންމޭތޯ ބަލަމުންދާ ކަމަށެވެ. އަދި އެތަން ހިއްކައި ނިމެންވާ އިރު 15،000 ގޯތި ދޭނެ ފަރާތް ކަނޑައަޅައި ނިންމޭތޯ ވެސް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑު ބޭނުން ދައުރުގެ ތެރޭގައި ބާކީ މުއްދަތުގެ ތެރޭގައި ދެން އެތަނުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި ހުރިހާ ކަމެއް ކުރުމާއި އެކީގައި ރައްޔިތުންނަށް އެތަނަށް ގޮސް ގޯތި ގެދޮރު ބިނާކުރުމުގެ ފުރުސަތު ވެސް ލިބޭނެ ގޮތް ހަދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއު ދައުރުގެ ކުރީކޮޅު ފެށީ ވެސް ދައުރުގެ ފަހުކޮޅު ކަންކަން ކުރާގޮތަށް އޮންނަ އާދަކާދަ ބަދަލުކުރަން ބޭނުންވެވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ރައްޔިތުންނަށް އެންމެ ދަތި ކަމަކީ މިއީކަން [ބޯހިޔާވަހިކަން]. އެހެންވީމަ މިކަމަށް އިސްކަންދީގެން މިހާ އަވަހަށް މި ފެށީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޯތި ގެދޮރުގެ މައްސަލައަށް ޖުމްލަކޮށް ހައްލެއް ދެން އަންނާނެ ކަމަށެވެ.
ސަރުކާރުން ރަސްމާލެއިން ގޯތި ދޭން ނިންމާފައި ވަނީ މާލޭގެ ރަައްޔިތުންނާއި މާލޭގައި ގިނަ ދުވަސްތަކެއް ވަންދަން ދިރިއުޅެމުންދާ ރައްޔިތުންނަށެވެ.



އަނގައެއް އޮތީތީ ވަޢުދު ވެވިދާނެ. ހުސް ހޮޅި ވާހަކަ