ޚަބަރު

"މަގޭ ސާފު ރާއްޖެ" މަހާސިންތާ ފަށައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ކުނި މެނޭޖްކުރަން ހޭލުންތެރިކަން ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ" މަހާސިންތާ ފަށައިފިއެވެ.

"މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ 2025"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށްދާ މި މަހާސިންތާ އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ޓަކައި "މަގޭ ސާފުރާއްޖެ ގައުމީ މަހާސިންތާ 2025" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާހުކުރީ މިއަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހުއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ. އެގޮތުން ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނި، މަހާސިންތާ ބާއްވަނީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ހިޔާލުތަކާއި ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަސަގުދުގައި ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި މި މަހާސިންތާގައި
ކުނި މެނޭޖްކުރުމާއި ތިމާވެއްޓާއި ގުޅުން ހުރި ތަފާތު ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ގާނޫނީ އޮނިގަނޑަށް ބައިވެރިން
އަހުލުވެރިކޮށް، ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގައި ތަޖުރިބާކާރުންނާއި ނަމޫނާ ގޮތެއްގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް، މަޝްވަރާކޮށް ދާއިރާގައި ހަރަކާތްތެރިވާ ހިއްސާދާރުންގެ މެދުގައި ގުޅުންބަދަހިކުރެވޭނެއެވެ.

ލ. ގަމުގައި ބާއްވާ މިމަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވެއެވެ.

Ads by Allied Insurance