ލިލީގެ ހަ ޝޯވ ހައުސްފުލް، އެންމެން ބުނަނީ ވަރަށް ކަމުދާކަމަށް
- މިހާތަނަށް އެޅުވި ލިލީގެ ހުރިހާ ޝޯވއެއް ހައުސްފުލް
- ފިލްމު އަޅުވަނީ މިމަހު 30 އާއި ހަމައަށް
- ރަށްތަކުގައި ފިލްމު ދައްކަން ފަށަނީ އަންނަ ހަފްތާ ބަންދުގައި
މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ލިލީ" ގެ މިހާތަނަށް ދެއްކި ހަ ޝޯވވެސް ހައުސްފުލްވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާ ކުރި މި ފިލްމުގެ ޝޯވތައް އަންނަ އަންގާރަ ދުވަހުގެ ރެއާއި ހަމައަށް މިހާރު ވަނީ ފުލްވެފަ އެވެ. ބުދަ ދުވަހުގެ ރޭގެ ޝޯގެ ޓިކެޓު ވިއްކަން ފެށީ އިއްޔެ އެވެ. މިހާރު އެޝޯވގެ ބޮޑު ބައެއްވެސް ވަނީ ފުލްވެފަ އެވެ.
މިފިލްމު އުފެއްދި ކްރިއޭޓިވް ނެޓްވޯކުން ބުނީ މާދަމާ އިތުރު ދެ ޝޯވގެ ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން 7505079 ގެ ވައިބަރ މެދުވެރިކޮށެވެ. މީގެ އިތުރުން ފިލްމުގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިންވެސް ޓިކެޓު ގަނެވޭނެ އެވެ.
އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ދިވެހި ފިލްމު "ލިލީ" އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެން ދާގޮތް ދައްކައިދޭ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ރާއްޖޭގައި ހިނގާ އެކި ކުށްތަކަށް ތަފާތު ނަޒަރަކުން ވަނީ އަލިއަޅުވާލައިފަ އެވެ.
ފިލްމު ބަލާފައި ނިކުންނަ ގިނަ މީހުން ބުނަނީ މިއީ މިއަހަރުގެ އެންމެ ރީތި ފިލްމު ކަމަށެވެ. އަދި ވާހަކައިގެ އަސަރުގަދަ ކަމާއި ގެނަސްދީފައިވާލެއް ހިތްގައިމުކަން ބެލުންތެރިން ފާހަގަކުރި އެވެ.
"ފިލްމު ނިމެންދެން އިންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެން. ހިތް ފަޅައިގެން ހިނގައްޖެ" ބެލުންތެރިޔަކު ބުންޏެވެ.
ފިލްމުގެ މައި ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫޤު އެވެ. މީގެ އިތުރުންވެސް ގިނަ އެކްޓަރުން މިފިލްމުން ފެނެ އެވެ. އެގޮތުން ޅ. ހިންނަވަރުގެ ގިނަ ބަޔަކުވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނެ އެވެ. ބޮޑު ރޯލަކުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ވަނީ ތައާރަފުވެސް ކޮށްފަ އެވެ.
ދިވެހި ފިލްމު "ލިލީ" އޮލިމްޕަސް ސިނަމާގައި ދައްކަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ އާދިއްތަ ދުވަހުގެ ރެއާއި ހަމައަށެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ ރަށްތަކުގައި މި ފިލްމުގެ ޝޯތައް ދައްކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ރަށްތައް ފަށަން ހަމަޖެހިފައިވަނީ ޅ. ހިންނަވަރުގައި ބާއްވާ ބޮޑު ޕްރިމިއާ ހަރަކާތަކާއިއެކު އެވެ. ޕްރިމިއާ އޮންނަނީ މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ރެއެވެ.

