ރޯދައިގެ ކުރިން 15 މިސްކިތް ހުޅުވަނީ
ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން 15 މިސްކިތެއް ހުޅުވަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވާފައިވާ އިރު އެކަމަށް އިޝާރާތްކޮށް ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރޯދައިގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. އެ ގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރޯދައިގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެެސް ޑިސެންބަރު މަހު ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.
