ރައީސްގެ އަވަށު ބައްދަލުވުންތަކުގެ ކުރިން ސުވާލު ހުށަހަޅަން ޖެހޭ ވާހަކައަކީ ދޮގެއް: ހީނާ
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ބާއްވަވަމުން ގެންދަވާ އަވަށު ބައްދަލުވުންތަކުގެ ކުރިން ، ސުވާލު ހުށަހަޅަން ޖެހޭ ވާހަކައަކީ ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އަވަށު ބައްދަލުވުންތައް ރައީސް ފުރަތަމަ ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހު ވިލިމާލެއިންނެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރައީސް ވަނީ މައްޗަށް ގޮޅީގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުންތަކުގެ ކުރިން ސުވާލުތައް ހުށަހަޅަން ޖެހޭކަމަށް ބުނާ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. ނަމަވެސް ހީނާ މިއަދު އެކްސްގައި ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ހީނާ ވިދާޅުވީ މީގެ ކުރިން ބޭއްވުނު އަވަށު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވާކަންކަމާ ބެހޭ ގޮތުން މިނިވަންކަމާ އެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސް ދެއްވި ކަމަށެވެ.
"އަދި ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވެސް ޢަމަލުކުރައްވާނީ އެ އުޞޫލުންނެވެ. އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ." ހީނާ ވިދާޅުވި އެވެ.
