ދިވެހީންގެ ޙާލަތު ބެލުމަށް ލަންކާއަށް ގުޅާނެ ޚާއްޞަ ހޮޓްލައިނެއް ގާއިމްކޮށްފި
ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާއާ ގުޅިގެން ، ލަންކާގައި ދިރިއުޅޭ ދިވެހީންގެ ޙާލަތު ބެލުމަށް ގުޅާނެ ޚާއްޞަ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހައިކޮމިޝަނުން ވިދާޅުވީ، ދިވެހިންގެ ޙާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެއްވެސް ދިވެހި ޢާއިލާއަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިގެން ނޫނީ އެއްވެސް ޙާލަތެއްގައި ދަތުރުފަތުރު ނުކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށް ހައިކޮމިޝަނުން އިލްތިމާސް ކުރައްވައެވެ.
ހައިކޮމިޝަނުން ކަނޑައަޅައިފައިވާ ހޮޓް ލައިނަކީ 768816666 އެވެ.
މީގެ އިތުރުން އެންމެ ބޭފުޅުންގެ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށާއި މޯބައިލް ފޯނު އަބަދުވެސް ޗާޖުކޮށްފައި ބޭއްވުމަށް ހައި ކޮމިޝަނުން އިލްތިމާސް ކުރައްވައެވެ. އަދި ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި މޫދު ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވެސް ކޮމިޝަނުން އިލްތިމާސް ކުރައްވައެވެ.
ލަންކާގެ ރަސްމީ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް 69އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވާ ކަމަށާއި 34 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާއިރު، 18000 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން މި ތޫފާނުގެ ސަބަބުން 3000 ގޭބިސީއަށް ގެއްލުން ވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
