ޚަބަރު ދުނިޔެ ސަރުކާރު

ލަންކާގައި ޙާލުގައި ޖެހުނު ދިވެހި 3 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިން: ދިވެހި ހައިކޮމިޝަން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތާށިވެފައި ތިބި ދިވެހި 3 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިވެހި ހައި ކޮމިޝަނުން ބުނެފިއެވެ.

Ads by Creative Network
Ads by MPL

ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން ހައި ކޮމިޝަނުން ބުނީ، އެހީތެރިކަން ފޯރުކޮށްދިން ޢާއިލާތަކުގައި ކުޑަ ކުދިންނާ އެކު ޖުމްލަ 12 މީހުން ތިބިކަމަށާއި އެ ޢާއިލާތައް މިހާރު ވަނީ ލަންކާގައި ދިރިއުޅޭ އެ ޢާއިލާތަކުގެ ރައްޓެހިންނާއި ތިމާގެ މީހުން ދިރިއުޅޭ ގެތަކަށް ބަދަލުވެފައެވެ. އަދި އެއް ޢާއިލާ ވަނީ އެމީހުން އަމިއްލަ ޚަރަދުގައި ހޮޓަލަކަށް ބަދަލުވެފައެވެ.

ގޭގައި ތާށިވެފައި ތިބި ޢާއިލާތައް ރައްކާތެރި ސަރަހައްދަށް ބަދަލުކުރެވުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެ ސަރަހައްދުގައި 3 ފޫޓާއި 7 ފޫޓާ ދެމެދަށް ފެންބޮޑުވެފައިވާކަމަށް ހައި ކޮމިޝަނުން މަޢުލޫމާތުދެއެވެ. އަދި އެ ޢާއިލާތައް ދިރިއުޅޭ ގެތަކުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސާމާނަށް ގެއްލުން ލިބިފައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ހައިކޮމިޝަނުން ބުނީ، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 1273 ފަރާތަކަށް ގުޅައި، ޙާލު ބަލާފައިވާކަމަށާއި އެމީހުންގެ ޙާލު ރަނގަޅު ކަމަށެވެ. އަދި އެހީތެރިކަމަކަށް ބޭނުންވި 45އަށް ވުރެ ގިނަ ފަރާތަށް އެހީ ފޯރުކޮށްދީފައިވާނެ ކަމަށާއި މިހާރުވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!