ޚަބަރު

ލަންކާގައި އެހީ ފޯރުކޮށްދޭން އުޅުނު ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓް މަރުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ ހަފްތާ އެރި ބާރުގަދަ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އުޅުނު ހެލިކޮޕްޓަރެއް ވެއްޓި، އޭގެ ޕައިލެޓް މަރުވެއްޖެއެވެ.

Ads by STELCO

އެއާފޯސް ބެލް 212 ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ހަވީރު ލަންކާގެ ވެނާޕޫވާގައި ރެސްކިއު މަސައްކަތުގައި އުޅެނިކޮށެވެ. ވެއްޓުނުއިރު ހެލިކޮޕްޓަރު ދުއްވަން އިން އިލެޓް ވިންގް ކޮމާންޑަރު، ނިރްމަލް ސިޔާމްބަލަފިޓްވާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރުގައި މައްސަލައެއް އުޅޭތީ ޕައިލެޓް އުޅުނީ އެމަޖެންސީގައި ޖައްސާށެވެ. ނަމަވެސް ޖެއްސުމުގެ ކުރިން ވެއްޓުނީއެވެ.

ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި ޕައިލެޓާ އެކު ފަސް މީހަކު ތިއްބެވެ. އެހެން ރެސްކިއު ޓީމަކުން ވަނީ ވަގުތުން އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ލަންކާގެ އެއާފޯސްއިން މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.

ޑިޓުވާ ތޫފާނުގައި ލަންކާގެ އެކި ހިސާބުތައް އެއްކޮށް ހަލާކުކޮށްލާފައިވާ އިރު، މިހައިތަނަށް 300އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، 147،000 މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. ގާތްގަނޑަކަށް 25،000އަށް ވުރެ ގިނަ ގެދޮރު ވަނީ ހަލާކުވެފައެވެ.

މިއީ ފަހުގެ ތާރީހެއްގައި މި ސަރަހައްދުގައި ހިނގި އެންމެ ބޮޑު ގުދުރަތީ ހާދިސާއެވެ.

Ads by Ooredoo