ކުރީގެ ނައިބު ރައީސުންނަށް 30،000 ގެ އިނާޔަތެއް ދޭން ފާސްކޮށްފި
ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގަން ދޭ ހަރަދު އުނިކޮށް، ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސުމްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދެވެ.
އެ ބިލުގައި އޭނާ ހުށަހެޅުއްވީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދޭ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސުންނަށް އިނާޔަތެއްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށެވެ. އަދި ކުރީގެ ނައިބު ރައީސުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.
ނަމަވެސް އެ ބިލު ދިރާސާ ކުރިއިރު، މާލިއްޔަތު ކޮމެޓީން ވަނީ ނައިބު ރައީސުންނަށް ދޭ ކަނޑައަޅާ އިނާޔަތް 30000 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކޮމެޓީން ފާސްކުރި ގޮތަށް، މިއަދު މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ.
އެ އިނާޔަތް ލިބޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ ފަސް އަހަރުގެ ދައުރެއް ފުރިކަމަށް ކުރައްވައިފައިވާ ނައިބު ރައީސުންނަށް ކަމަށެވެ. އެހެންކަމުން އެ އިނާޔަތް ލިބޭނީ ކުރީ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް އެކަންޏެވެ. އެހެން ސަރުކާރުތަކުގައި ދައުރު ހަމަނުވަނީސް ނައިބު ރައީސުން ވަނީ ބަދަލުވެފައެވެ.
