މަޝްރޫއުތަކާއި މުސާރަތައް ހަމަހަމަކުރުމާ އެކު ވެސް ޑެފިސިޓް ކުޑަވެއްޖެ
މަޝްރޫއުތަކާއި މުސާރަތައް ހަމަހަމަކުރުމާ އެކު ވެސް ޑެފިސިޓް ކުޑަވެފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ މިހައިތަނަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެެވެ.
މިއީ 2024ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ދަށްވުމެކެވެ.
ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފައެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 2024ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ މައިގަނޑު ގޮތެއްގައި ޖީއެސްޓީ އިތުރުވުމުގެ ސަބަބުންނެވެ.
ޖުމްލަ ޖީ.އެސް.ޓީ. އާމްދަނީ ވަނީ 12.0 އިންސައްތަ އިތުރުވެ، 12.2 ބިލިއަން ރުފިޔާއިން 13.7 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން ޖީއެސްޓީ ވަނީ އަށް އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޓޫރިޒަމް ޖީއެސްޓީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރައިފައި ވެއެވެ.
އޭގެ އިތުރުން ގްރީން ޓެކުހުގެ އާމްދަނީ ދެގުނައަށް ނުވަތަ 107.1 އިންސައްތަ އިތުރުވެ 914.0 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި ޑިޕާޗާ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 988.3 މިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 އިންސައްތަ ލިބިފައި ވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. 23.9 އިންސައްތަ ލިބިފައި ވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައެވެ. 20 ނޮވެންބަރގެ ނިޔަލަށް، މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތަ ވަނީ މިހައިތަނަށް ދައުލަތަށް ލިބިފައެވެ.
ހަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމްލަ ހަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫއުތަކަށް އިސްކަންދެމުންނެވެ. ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އޭގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެކެވެ. ކެޕިޓަލް ހަރަދުތައް ހުރީ 53.7 އިންސައްތައެވެ.
