ޚަބަރު

ބޮޑު ޑްރެޖަރެއް ގެނެސް ރަސްމާލެ ހިއްކުން ހަލުވިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްމާލެ ހިއްކަނީ--

ރަސްމާލެ ހިއްކުމުގެ ސްޕީޑް މިހާރު ތިންގުނަ އިތުރުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިއަދު އެކްސްގައި ވިދާޅުވީ ރަސްމާލެ ހިއްކަން އެންމެ ފަހުން ގެނައި ޑްރެޖަރަކީ މުޅި ދުނިޔޭގައި ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ޑްރެޖަރެއް ކަމަށެވެ.

އަދި އެ ޑްރެޖަރުން މިއަދު ރަސްމާލެ ހިއްކަން ފަށައިފައިވާ ކަމަށާއި އެއާ އެކު އެތަން ހިއްކުމުގެ ސްޕީޑް ތިން ގުނަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެ ވެގެންދާނީ 100 ޕަސެންޓް ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއަކަށް ކަމަށާއި އެއާ އެކު އެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް ކަމަށެވެ.

ރައީސް ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.

އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ލިބޭނެއެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!