ޚަބަރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭ ނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ--

ސަލާމަތާއި ރައްކާތެރިކަން ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭ ނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by MPL

މިނިސްޓަރު އެ ފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާ ވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ގާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުށުގެ މާހައުލަށް އައިސްފައި އޮތް ބަދަލުތައް ވެސް ވަރަށް ތަފާތު ކަމަށާއި މިހާރުގެ ގާނޫނު ބުނާ ގޮތުން ގޮތުން ކޮންމެ ސަރުކާރެއްގައި ވެސް ސްޓްރެޓެޖީކް ޕޮލިސިން ރިކުއަރމެންޓެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއިއެވެ.

އަދި އެ ޕޮލިސިން ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ  ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ، ވަރަށް ޒިންމާދާރުކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތްނުކުރާ ނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގައި ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގައި." މިނިސްޓަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!