ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސަނީ 30 ދުވަހަށް ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަނީ އުމަރު--

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހުސެއިން ސަނީ އުމަރު ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެެރެފިއެވެ.

Ads by STELCO

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އަދި އޭގެ ފަހުން އޭނާ ދޫކޮށްލުމަށް ފަހު އަލުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ސަނީ 30 ދުވަަހުގެ  މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށާއި އަދި އެ ހުށަހެޅުމާ އެއްގޮތަށް އޭނާ  30 ދުވަހު ބަންދުކުރަން އަމަރު ނެރެފައިވާ ކަމަށެވެ.

"މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރަމެވެ." ޕީޖީ އޮފީހުން އިތުރަށް ބުންޏެވެ.

ސަނީގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންއެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ވެސް ފަހުން އެ މައްސަލަ އޮތީ ފުލުހުންނަށް ހުށަހަޅައިފައެވެ.

އެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!