ވަގުތީ ޗެއާޕާސަންކަމަށް ގަފޫރު ގެންނަން ފައްޔާޒުގެ ތާއީދު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ގެނައުމަށް ތާއީދުކުރައްވާކަމަށް، ޗެއާޕާސަންގެ މަގާމުން ހަފުތާއެއް ކުރިން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައެވެ.
އޭނާ ވިދާޅުވީ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅި ނަންތަކުގެ ތެރެއިން މިހާރު ބާކީ އޮތް ނަމަކީ ގަފޫރުކަމަށާއި އޭނާ އެ މަގާމަށް ގެންނަން ތާއީދު ކުރެވޭ ކަމަށެވެ. ވަގުތީ ޗެއާއެއް ގެނައުން އަވަސް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދެން އެންމެ އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނެ އިރަކާ ގުޅޭ ގޮތުން ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (މަދަނަ އިބްރޭ)އާ ފައްޔާޒު އެ ގްރޫޕުގައި ސުވާލުކުރައްވައެވެ.
ފައްޔާޒު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވަނީ ވެސް ރިޔާސީ ޓިކެޓުގެ ވާދަ ބޮޑުކަމުންނެވެ. އެ ޓިކެޓަށް ވާދަކުރައްވާނެ ކަން ފައްޔާޒު އިއުލާންކުރައްވާފައިވާ އިރު އޭނާ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނަވާތީ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ރިޔާސީ ޓިކެޓަށް ޕާޓީގެ އެތެރޭގައި ދެން މަސައްކަތްކުރައްވަނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއި ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ތިބީ ފައްޔާޒާ އެކުގައެވެ. މިއާ އެކީ, ފައްޔާޒުއާއި ސޯލިހާ ދެމެދު ބާރުގެ ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.
ވަގުތީ ޗެއާޕާސަން ހޮވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ވެސް ހޫނުވީ މިހެންވެއެވެ. އެ ބައްދަލުވުމުގައި ވޯޓު އޮޅޭނޭ ވަރަށް ކަންކަން ހިނގި ކަމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވިއެވެ.
ގައުމީ މަޖިލީހަށް ތިން ނަމެއް ހުށަހެޅުނު އިރު ސޯލިހުގެ ފަޅިން ހުށަހެޅި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ނަން ރިޔާސަތަށް ބަލައިނުގަތީ އޭނާއަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީއެވެ.
އެ ރޭ ބައްދަލުވުމުގައި 47 ވޯޓު ލިބުނު ކަމަށް އިއުލާންކުރި ނަމަވެސް ފަހުން ބެލި ބެލުމުގައި 48 ވޯޓު ލިބުނު އަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށް ނިންމައި ހިނގި ދެބަސްވުންތަކުގެ ތެރެއިން އަބްދުﷲ ވަހީދު ވަނީ ނަން އަނބުރާ ގެނެސްފައެވެ.
އަބްދުﷲ ވަޙީދަކީ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ފަހު ވަގުތު ފައްޔާޒު ކޮޅަށް ހުރިކަން ހާމަވެގެން ދިއުމަކީ ބައްދަލުވުން ހޫނުވެގެން ދިޔަ ސަބަބެވެ.
