ނުކުޅެދުންތެރިކަން ހުންނަ 300އަށް ވުރެ ގިނަ ފަރާތްތަކަށް ވަޒީފާ ހަމަަޖައްސައިދީފިން: ރައީސް
ނުކުޅެދުންތެރިކަން ހުންނަ 300އަށް ވުރެ ގިނަ ފަރާތްތަކަށް މި ސަރުކާރުން ވަޒީފާ ހަމަަޖައްސައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެެވެ.
މިއަދު ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތާއި ހައްގުތައް އެންމެނަށް ކަށަވަރުކުރެވޭ މުޖުތަމައުއެއް ބިނާކުރުމަށް ގޮވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށް ކަމަށެވެ.
އެގޮތުން މިއަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރައްވައި، މިއީ އެފަރާތްތަކުގެ އިގުތިސާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވަނީ، ހިދުމަތްތައް ހޯދުމާއި، އާންމު ތަންތަނަށް ވަދެނިކުމެއުޅުމުގައި ހުރި ދަތިތަކާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ.
އަދި މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކުރުމަށް މަސައްކަތްކުރާ އައިލާތަކަށާއި، ޖަމިއްޔާތަކަށާއި، ދަރުމަވެރިންނަށް ރައީސް ވަނީ އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފަ އެވެ.

