ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫއިން ޑްރަގުގެ އިސް މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އައްޑޫ ސިޓީގެ ހަންކެޑެ ޑީޓުއަ ލިންކް ރޯޑް / ފޮޓޯ:އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި އައްޑޫ ސިޓީއިން މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން އިއްޔެ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ވާހަކަ ދަންނަވަން،" އެމީހާގެ ވަނަވަރު ހާމަނުކޮށް ފުލުހުން ބުންޏެވެ.

އަލިމަގު އޮޕަރޭޝަން ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހޯދައިފައެވެ.

Ads by Ooredoo