ފޯނު ޗާޖަރާ ހެދި ކުޑަކުއްޖަކު މަރުނުވީ ކިރިޔާ، މިއޮތީ ސަމާލުވާންވީ ކަންކަން
ފޯނު ޗާޖަށް ޖަހަން އުޅުމުގެ ތެރޭގައި ލޮސްއޭނަލަސްގައި އުމުރުން އަށް އަހަރުގެ ލޮރެންޒޯ ލޮޕޭޒް މަރުނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ރޭގަނޑު ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހަން އުޅުމުގެ ތެރޭގައި، ޗާޖަރު ކުޑަކޮށް ލޫސްވުމުގެ ސަބަބުން ކަރުގައި އޮތް މެޓަލް ފަށް، ޗާޖަރާއި ކަރަންޓު ބޯޑާ ދޭތެރެއަށް ވަނީއެވެ. އެހެންވުމުގެ ސަބަބުން ވަގުތުން ފަށަށް ކަރަންޓު އައިސް ލޮރެންޒޯ ކަރަންޓުގައި ޖެހުނީއެވެ.
ނަމަވެސް ވަރަށް ހުޝި ޔާރުކަމާއެކު އެކުއްޖާ ވަނީ ފަށް ނަގައި އެއްލައިލައިފައެވެ. އޭގެ އަނެއް ދުވަހު ނިދާ ހޭލިއިރު ކަރަށް އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހަޅޭއްލަވަން މަސައްކަތް ކުރި ނަމަވެސް އަޑެއް ނުނުކުތެވެ. އެ ހާދިސާ ހިނގުމުގެ ސަބަބުން އެކުއްޖާއަށް ހުރީ ޝޮކެއް ވެސް ޖެހިފައެވެ.
މި ހާދިސާގައި ލޮރެންޒޯއަށް ވަނީ އަވަސް ފަރުވާ ދީފައެވެ. އޭނާއަށް ތެރަޕީ ވެސް ދޭންޖެހުނެވެ. ހޮސްޕިޓަލާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ، އެ ފަށް ކަރުން ނުނެގި ނަމަ ލޮރެންޒޯ ސަލާމަތްވުމުގެ ޗާންސް ވަރަށް ކުޑަކަމަށެވެ.
މިފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން
- ކުޑަކުދިން ނިދާ ތަނުގެ ކައިރީގައި ޗާޖަށް ޖެހުން މަނާކުރުން، ހާއްސަކޮށް ބާލީސް ނުވަތަ މެޓްރެސް ދަށުގައި ފޯނު އަދި އެހެނިހެން ޑިވައިސްތައް ބޭއްވުން ރައްކާތެރިއެއް ނޫން
- ރަގަޅު ކޮލިޓީގެ ޗާޖަރާއި އެކްސްޓެންޝަން ބޯޑު ބޭނުންކުރުން، ޗީޕް އަދި ލޫސް-ފިޓިން އެއްޗެހި ބޭނުން ނުކުރުން
- މެޓަލް ގަހަނާ އަޅައިގެން ކަރަންޓާ ކައިރިވާން މަނާކުރުން
- ކަރަންޓުގައި ޖެހުމުން ރައްކާތެރިވާނެ ގޮތްތައް ކުދިންނަށް ކިޔައިދިނުން
- ބޭނުމެއް ނެތީސް ޑިވައިސްތައް ކަރަންޓަށް ޖަހައިފައި ނުބެހެއްޓުން
- ޗާޖަށް ޖަހައިގެން ހުރެ ޑިވައިސް ބޭނުން ނުކުރަން އެންގުން

