އާ ޔުނީފޯމަށް ނަޝީދުގެ ނުރުހުން، ވިދާޅުވީ މިހާރުގެ ޔުނީފޯމުން ވެސް ނިވައިވާކަމަށް
މިހާރު ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރާ ޔުނީފޯމު ބަދަލުކުރަން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިމިގެން ދިޔަ ހަފްތާގައި އާންމުކުރި "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު"ގެ ދަށުން ޔުނީފޯމް ބަދަލުކުރާނީ 2027ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކުއެވެ.
އެ އުސޫލުގައިވާ ގޮތުން ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާ އެކު ހަރުވާޅު ލާން ވެސް މަޖުބޫރުވާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި 90،000އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށެވެ.
އަދި ބަދަލުކުރަން ނިންމާފައިވާ ޔުނީފޯމްއަށް އެންމެ މަދުވެގެން ވެސް 900 ރުފިޔާ ހަރަދުވާނެ ކަމަށާއި އެއާ އެކު ބެލެނިވެރިންގެ އަތުން ޖުމްލަ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ޔުނީފޯމު ބަދަލުކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް. މިހާރު ވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން" އަންހެން ދަރިވަރުން ކުރު ސްކާޓު ލައިގެން ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އާ ޔުނީފޯމް އުސޫލުގެ ދަށުން މަތީ ގްރޭޑްތަކުގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

