މެމްބަރުންގެ އަދަދު ހަމަނުވާތީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ލިސްޓުން އަދާލަތު ޕާޓީ ކަޓައިފި
މެމްބަރުންގެ އަދަދު ހަމަނުވާތީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ލިސްޓުން އަދާލަތު ޕާޓީ ކަޓައިފިއެެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ 2026ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު މިދިޔަ ނޮވެމްބަރު މަހު 25ގެ ނިޔަލަށް، 10،000 މެންބަރުން ހަމަވެފައިވަނި ހަތަރު ސިޔާސީ ޕާޓީއެއްގެ ކަމަށެވެ.
އެ ހަތަރު ޕާޓީގައި ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ ހިމެނޭ އިރު ކުރިން އެ ލިސްޓުގައި ހިމެނެމުން އައި އަދާލާތު ޕާޓީ ނުހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަންއިން ޖޫން މަހާ ހަމައަށް އާންމުކުރި ލިސްޓުގައިވާ ގޮތުން އަދާލާތު ޕާޓީގައި 9000 މީހުންވެސް ހަމަ ނުވެއެވެ.
ފާއިތުވި އަހަރުތަކުގައި ގަވައިދުން ކަހަލަ ގޮތަކަށް ފައިސާ ލިބެމުން އައި އަދާލަތު ޕާޓީއަށް މިދިޔަ އަހަރު ވެސް އިލެކްޝަންސް ކޮމިޝަންއިން 1.7 މިލިއަން ރުފިޔާ ދޫކުރިއެވެ.
އަދާލާތު ޕާޓީގެ މެމްބަރުންގެ އަދަދު 10،000އިން ދަށަށް ގޮސްފައިވާ އިރު އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދިރިއުޅުއްވަން ގެންދަވަނީ ތައިލެންޑުގައެވެ.
ތައިލެންޑުގައި ހުންނަވައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓުތައް ކުރެއްވި ނަމަަވެސް އަދާލަތު ޕާޓީން ސިޔާސީ މާބޮޑު ހަރަކާތެެއް ނުބާއްވާތާ ވެސް އެތައް ދުވަހެެއް ވަނީ ވެފައެވެ.

