ޚަބަރު

ޒަކާތުގެ ގާނޫނު ވެގެންދާނީ އެހެން ގައުމުތަކަށް ވެސް ނަމޫނާއަކަށް: ޝަހީމް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:ދެން އިމޭޖްސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރެއްވި ޒަކާތުގެ ގާނޫނަކީ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް އެކުލަވައިލި ހަރުދަނާ އަދި މުހިންމު ގާނޫނެއް ކަމަށާއި، އެއީ އެހެން ގައުމުތަކަށް ނަމޫނާއަކަށްވާނެ ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑިސެމްބަރު 18، 2023ގައި ރައީސް އުފެއްދެވި 'ޒަކާތު ހައުސް'، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެން ހިނގާނީ މި ގާނޫނުގެ ދަށުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި މަސައްކަތަށް ގާނޫނީ ބާރުވެރިކަން ލިބިގެން ދިއުމަކީ ނިޒާމު ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނުގެ ސަބަބުން ޒަކާތުގެ ފައިސާ ހަރަދުކުރަނީ ދެ ފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރެވިގެންދާއިރު، ޖަވާބުދާރީ ކުރުމުގެ ހައްގު ވެސް އިދާރާތަކަށް ލިބިގެންދާނެ ކަމަށެވެ.

މި ގާނޫނުގައި، ޒަކާތާ ގުޅޭ ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިއީ ވަށައި ޖެހޭ ގޮތަށް އޮތް ފުރިހަމަ ގާނޫނެއް ކަމަށެވެ. އެގޮތުން ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތަށް، ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާ ފައިސާ ބެހުމުގެ ކަންކަން ހިމަނައިފައިވާކަން ފާހަގަކުރެއްވިއެވެ.

މި ގާނޫނުގެ ދަށުން، ޒަކާތު ހައުސް ދައުލަތުގެ ވަކި އިދާރާއަކަށް ބަދަލުވެގެން ދާނެއެވެ. އެ އިދާރާ ހިންގަމުންދާނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!