ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މުހައްމަދު ނިޔާޒު މިއަދު ރިޓަޔާކުރައްވައިފިއެވެ.
ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންނެވިކަން ހާމަކޮށް ހައި ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ.
ނިޔާޒް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.
ނިޔާޒްވަނީ ޖޭއެސްސީގެ ނާއިބު ރައީސްކަން މިދިޔަ އަހަރުގެ މާޗު މަހުގެ 20ވަނަ ދުވަހުން ފެށިގެން، 22 އޮކްޓޫބަރުއާ ހަމައަށް ފުރުއްވައިފައެވެ.
ނިޔާޒް ކުރިން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އޭނާ އަދާ ކުރެއްވިއެވެ.
ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
