މަސްވެރިންގެ މުޒާހަރާ: ހައްޔަރުކުރި 4 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި
މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިކަންކުރާ ފަރާތްތަކުން މަސް ދޯނިތަކުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅައިލީ ބުރާސްފަތި ދުވަހުއެވެ. މުޒާހަރާ ރޫޅައިލީ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީން ވެސް މުޒާހަރާގައި ބައިވެރިވަމުންދާތީއެވެ.
އެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ތިން ދިވެއްސަކާއި ތިން ދޯންޏެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނެއެވެ.
ފުލުހުން ރޭގައި ބުނީ، މުޒާހަރާއިން ހައްޔަރު ކުރި ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، ހިފެހެއްޓި ތިން ދޯނި ވެސް އެ ދޯނިތަކުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި ކުރި މި މުޒާހަރާއިން މައުރޫފު ހިމެނޭހެން ހައްޔަރު ކުރި ދިވެހި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މައުރޫފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވައިލައިފައެވެ. އަދި މައުރޫފާއި މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކޮށްފައިވާ އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ދެކޮޅަށް ކްރިމިނަލް ކޯޓު ކައިރީގައި އެމްޑީޕީން ވަނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ވެސް ކޮށްފައެވެ.
މީގެ އިތުރުން މައުރޫފް ހައްޔަރުކުރި މައްސަލަ އެމްޑީޕީން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)އަށް ވެސް ހުށަހަޅައިފައިއެވެ.

