ޚަބަރު

ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

ނުޙާ އަޙްމަދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ މި މަހުގެ 18 ވާ ބުރާސްފަތި ދުވަހު ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީންސްކޫލްގައި އޮންނާނެ ކަމަށެވެ.

އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވައިފައެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވައިފައެވެ. ރައްޔިތުންގެ ފަސޭހައަކަށް އެމަނިކުފާނު އެ ބައްދަލްވުންތައް ބާއްވަވަމުން ގެންދަވަނީ ކޮންމެ އަވަށަކަށް ވަކި ބައްދަލުވުމެކެވެ.

އެގޮތުން ވިލިމާލެއާއި މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ ދެ ފިޔަވަހީގެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވަން ވަނީ ނިންމަވައިފައެވެ. ބައެއް އަވަށްތަކުގެ ބައްދަލްވުންތައް ބާއްވާފައިވާއިރު އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުންތަކާއި ޝުއޫރުތަކާއި ހިޔާލުފާޅުކުރުންތަކަށް ފުރުސަތު ދެއްވިއެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށް ފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އަންގާރަ ދުވަހު ގަލޮޅު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އިރު، ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.