ޚަބަރު

އައިޑީ ކާޑު ޕްރިންޓުކޮށް، ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް، ދޫކުރުމުގެ ޚިދުމަތް ރާއްޖެއިން ބޭރުގައި ފުޅާކުރުމުގެ ގޮތުން، ސްރީލަންކާގައި އެ ޚިދުމަތް ފަށައިފިއެވެ.

Ads by STELCO

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ބުނީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާ ގުޅިގެން އެގައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށެވެ.

ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް އައިޑީކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތް ފަށައިފައިވާ ކަމަށާއި ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން ގޮސްފައި ވަނީ މެލޭޝިއާގައެވެ. އަދި ލަންކާއަކީ މި ޚިދުމަތް ދެވެން ފެށުނު ދެވަނަ ޤައުމު ކަމަށާއި އިނގިރޭސިވިލާތުގައި ވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ޑީއެންއާރުއިން މަޢުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށްގެން މާލެ އައިސް ކަންކަން ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް ޚިދުމަތްތައް ފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!