ފޭސް ދޭއްގައި ރުފިޔާއާއި ޑޮލަރު އޭޓީއެމް ބަހައްޓައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އޭޓީއެމްއަކާއި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމްތަކުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ހިޔާ ޓަވަރު 6 އަދި 7 ގެ ދެމެދުގައި ހުޅުވުނު މި އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

