މަހަށް ނިކުމެ އުޅެނިކޮށް އޮޔާދިޔަ ދޯންޏެއް، 10 މީހުންނާ އެކު ސަލާމަތްކޮށްފި
މަހަށް ނިކުމެ އުޅެނިކޮށް އޮޔާދިޔަ ފުވައްމުލަކު ދޯންޏެއް ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ފުވައްމުލައް ސިޓީން މަސްބާނަން ނިކުމެ އުޅުނު 'ސަވާރީ' ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި، އޮޔާދާކަމުގެ މައުލޫމާތު މިއަދު ހަވީރު ހަތަރެއް ޖަހާއެހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ފުވައްމުލައް ސިޓީ ފުލުހުންނަށް ލިބުމާއި އެކު، ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ފުލުހުންގެ ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށެވެ.
އެ 10 މީހުންގެ ތެރޭގައި، 7 އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެހެން ދޯންޏެއްގެ އެހީތެރިކަމާ އެކު އޮޔާ ދިޔަ ދޯނި މިހާރު ފުވައްމުލަކަށް ގެނެސްފައިވާ ކަމަށެވެ.
