ޚަބަރު

ޕޮންޒީ ސްކީމަށް އިންވެސްޓު ކުރި މީހަކަށް 5 ލައްކަ ރުފިޔާ ދައްކަން އަލްހާންގެ މައްޗަށް ހުކުމެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަލްހާން ފަހުމީ/ ފޮޓޯ: ސަން

އިލްހާން ފަހުމީގެ ކިންގްސް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކުރި ޕޮންޒީ ސްކީމަށް އިންވެސްޓްކުރި މީހަކަށް ބަދަލުގެ ގޮތުގައި 5 ލައްކަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by STELCO

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަލްހާން އަދި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓަށް އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ޖިނާއީ ދައުވާތައް އަނބުރާ ގެންގޮސްފައި ވަނިކޮށެވެ.

3 މީހުންގެ މައްޗަށް އުފުލި 39 ދައުވާ ޕީޖީ އޮފީހުން އަނބުރައި ގެންދިޔައީ، އެ މައްސަލަތަކުގައި ހިމެނޭ 13 މީހަކަށް އަލްހާން ބަދަލުދީފައިވާ ކަމަށް ބުނެއެވެ.

އެ ދައުވާތައް އަނބުރައި ގެންގޮސްފައި ވަނިކޮށް ސިވިލް ކޯޓުން އެ ތިން ބެއިންގެ މައްޗަށް ހުކުމްކުރީ، އެ ސްކީމަށް ހއ. ހޯރަފުށި މީހަކު ކުރި އިންވެސްޓްމެންޓެއްގެ ބަދަލު ނަގައިދިނުމަށެވެ. އެގޮތުން 15 ދުވަހުގެ ތެރޭގައި އެމީހާއަށް 587،466 ރުފިޔާ ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.

އެފައިސާގެ ތެރޭގައި އިންވެސްޓްކުރި ފައިސާއާއި، އެ ސްކީމުން ލިބޭނެ ކަމަށް ބުނި ފައިދާގެ އިތުރުން އެމީހާގެ ވަކީލަށް ދައްކަންޖެހޭ ފީ ވެސް ހިމެނެއެވެ.

Ads by Allied Insurance