ވަގަށް ނެގި އިންޖީނެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި
ހުޅުމާލޭގެ، ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެމްބަރު މަހުގެ 17ވަނަ ދުވަހުގެ ވަގުތެއްގައި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާ ކަމަށް، ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގެ ފުލުހުން އެ އިންޖީނު ހޯދުމަށް ކުރި މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި ޑިސެމްބަރު 18ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައް ފެނިފައިވާ ކަމަށާއި އިންޖީނު ވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް އެތަނަށް ވިއްކާލާފައި ކަމަށް ފުލުހުން ބުނެއެވެ.
މިހާރު ވަގަށް ނެގި އިންޖީނު، އޭގެ ވެރިފަރާތާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
