ވިޔަފާރި

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާ މެދު ވިޔަފާރިވެރިން އުންމީދުގައި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ފޮޓޯ: ރިސޯޓް ލައިފްގެ ވެރިޔާ ވަލީދު

މޯލްޑިވިއަނުން ، އަންނަ އަހަރު ، އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އެހެނިހެން ސިނާޢަތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.

Ads by STELCO

މޯލްޑިވިއަނުން ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް ކުންފުނި ލަގްޒަރީ އެސްކޭޕްސްއާ ގުޅިގެން، މި ދަތުރުތައް ފެށުމާ އެކު، އޮސްޓްރޭލިއާގެ މެލްބަންއާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ވައިގެ މަގުން ސީދާ ގުޅާލެވޭނެ ކަމަށް ބުނެފައެވެ. ގައުމީ އެއާލައިނުން ބުނެފައިވާ ގޮތުގައި މިއީ ގައުމީ އެއާލައިނަށާއި ރާއްޖެއަށް ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ގައުމީ އެއާލައިނުން ބުނެފައިވެއެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން ރާއްޖެއަށް ގިނަ އެއާލައިންތަކެއް ގެންނަ، އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ޕޮޒިޓިވް ފާލެއް ކަމަށެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން ރިސޯޓް ލައިފްގެ ވެރިޔާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވިއަނުން އޮސްޓްރޭލިޔާއަށް ދަތުރު ފެށުމުން ޗާޓަރު އެއާލައިނަށް ލިބޭ ފައިދާ ދަށްވި ނަމަވެސް ރާއްޖެއަށް މިވަގުތު އެންމެ މުހިންމު ވަނީ ބޭރު ފައިސާ ގެނެވޭނެ އިތުރު ދޮރުތަކާއި ފަތުރުވެރިން ސީދާ ރާއްޖެއަށް ގެނެވޭނެ ގޮތްތައް ހޯދައި، އެ ގޮތްތަކަށް އަވަސް ހައްލެއް ހޯދުން ކަމަށެވެ.

އެގޮތުން، އޭ330 މަރުކާގެ 406 ޕެސެންޖަރު އުފުލުމުގެ ގާބިލް މަތިންދާ ބޯޓެއްގެ 80 ޕަސެންޓް އުފުލޭ ނަމަ
(326 ޕެސެންޖަރުން) އެއީ 6 މަސް ތެރޭ ގާތްގަނޑަކަށް 9 ވަރަކަށް މިލިއަން ޑޮލަރު ގެ ވިޔަފާރިއެއްކަމަށާއި މޯލްޑިވިއަނުން ދައުލަތަށް ނުސީދާ އަދި ސީދާ ޓެކްހުގެ ގޮތުގައި، ފަތުރުވެރިންގެ އަތުން އެކަށޭނެ އާއްމުދަނީއެއް ދައުލަތައް ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް ވަލީދު ވިދާޅުވިއެވެ.

"ހަމަ މިއާއި އެކު އިތުރު މަންޒިލްތަކަށް މޯލްޑިވިއަނުން ދަތުރުތައް ރާވަންވީ. ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑީ، ރާއްޖޭގެ އެއަރލައިންގައި ފަތުރުވެރިން ރާއްޖެއަށް ގެނައުން. އޮސްޓްރޭލިއާ މަރކެޓްގެ ކޮންޓްރޯލް މި ވަގުތު އޮތީ ސިންގަޕޯރ އެއަރލައިންގައި. ސިންގަޕޯރ އެއަރލައިނުން އެ މަރކެޓަށް ކޮންޓްރޯލް އޮތަތީވެ، ދަތުރުފަތުރުގެ އަގުތައް އެހުރީ އެކަށޭނެ މިންވަރައް ވުރެން މަތިކޮށް" ވަލީދު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު، ސީޒަންއާ ދިމާކޮށް 17 މޭ 2026އިން ފެށިގެން ކުރިއަށްދާނެ ކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!