ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ތާޖު ކޮރަލް ރީފް ރިސޯޓުން ވަޒީފާ ހަމަޖައްސައިދެނީ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ތާޖު ކޮރަލް ރީފް ރިސޯޓުން ވަޒީފާ ހަމަޖައްސައިދޭން ނިންމައިފިއެވެ.
އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުދިން ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި އަދި ރަށްރަށުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކުގައި ގިނަ އަދަދަކަށް ތިބެއެވެ. އޭގެ ތޭޜޭގައި އެންމެ ކުޑަކުދިންގެ އިތުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ދެ ޖިންސުގެ ކުދިން ވެސް ހިމެނެއެވެ.
މި ކުދިންގެ ޢުމުރުން 18 އަހަރު ފުރުމުން ދައުލަތުގެ ބެލުމުގެ ދަށުގައި ވީއްލޭއިރު އެކުދިންނަށް ވަޒީފާތައް ހޯދައިދިނުމަށް ވެސް ދައުލަތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވޮޮލޮޕްމަންޓް މިނިސްޓްރީން ބުނީ މި ކުދިންނަށް ވަޒީފާގެ ފުރުސަތުތަކާއި ތަޖުރިބާ ފަހިކޮށްދިނުމުގެ ގޮތުން ވުޒާރާއާއި ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަމަށެވެ.
"މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އަދި މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމައުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ." މިނިސްޓްރީން ބުންޏެވެ.
އަދި އެ ފަހުމުނާމާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
