ދެބެންގެ މާރާމާރީ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ދެބެންގެ ދެމެދުގައި ވަޅި ޖަހައި މާރާމާރީ ހިންގި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަށްވަނަ ޓަވަރުގެ އެޕާޓުމަންޓެއްގައި ދެބެންގެ ދެމެދުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ، ދެބޭންގެ މެދުގައި މާރާމާރީއެއް ހިނގައިފައިވާ ކަމަށާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ޙާދިސާގައި އަނިޔާ ލިބުނު ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެ މައްސަލައަށް 24 ގަޑިއިރު ވެފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި އޭގެ ސަބަބެއް މީޑިއާ އޮފިޝަލު ވިދާޅެއް ނުވެއެވެ. ނަމަވެސް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

