ޖިނާއީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ޖާގައެއް ނޯންނާނެ: ސީޕީ
ޖިނާއީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް(ސީޕީ) އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މި ފަދައިން ވިދާޅުވީ ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ސީޕީ ނަވީން ވިދާޅުވީ ޖިނާއީ އެ ފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެ ފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ހިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 21ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ފުލުހަކީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ.
އެ މައްސަލައާ ގުޅިގެން ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި އިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައިހުރި ކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ނަވާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

