މީހަކު މަރާލުމުގެ މައްސަލައެއް 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެ
2021ވަނަ އަހަރުގެ ޖޫން މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރެއިން، މަރާލުމަށް ފަހު ފޮއްޓެއްގެ(ލަގެޖް) ތެރެއަށް ލައިފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލަ 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.
މި މައްސަލައިގައި 13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުޙުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅީ، ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާއެވެ. އެގޮތުން މި ދަޢުވާތައް 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް އެކޯޓުން ޙުކުމްކުރީ މިމަހުގެ 23ވަނަ ދުވަހުއެވެ.
މި މައްސަލަ ސާބިތުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި، 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދު ކުރުމަށް އަމުރުކޮށް، ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި، 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޛު ކުރަންޖެހޭ މުއްދަތަކީ، 12 އަހަރާ 4 މަހާއި، 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރުކުރައްވާފައިވާއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ އިބްރާހީމް ޒިހާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށާއި، އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް އެކޯޓުން ބުނެއެވެ.
