ޚަބަރު

ކުއްޖަކަށް 3000 ރުފިޔާ ލިބޭގޮތަށް އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭގޮތަށް އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްފިއެވެ.

Ads by STELCO

އެކަނިވެރި މައިންނަށް ކުރިން އެއް ކުއްޖަކު ހުރި ނަމަ 2،000ރ. އެލަވަންސްއެއް ލިބެމުން ދިޔައިރު އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ވެސް އިތުރަށް ދިޔައީ ދެމުންނެވެ.

ނަމަވެސް އެ އެލަވަންސް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފައި އޮތްއިރު އަންނަ ޖެނުއަރީން ފެށިގެން އެލަވަންސް ބޮޑުވާނެ ކަމަށް ރައީސް މިދިޔަ އޮކްޓޫބަރު މަހު އޮތީ ވިދާޅުވެފައެވެ.

ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ގަވައިދުގައި ބުނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންނަށް ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެ ކަމަށެވެ. އަދި ހަތަރު ކުދިންނަށް ވުރެ އިތުރު ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް އެންމެ ގިނައިން ވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭނީ މަހަކު 15000 ރުފިޔާ ކަމަށް ބުނެފައިވެއެވެ.

އެންސްޕާއިން ބުނީ އެހީގެ ފައިސާ ޖަމާކުރާނީ އެހީއަށް އެދޭ ފަރާތްތަކުގެ ބޭންކު އެކައުންޓަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!