ޚަބަރު

ލިލީ ބަލާލުމުގެ ފަހު ފުރުސަތު، ވަދާއީ ޝޯތަކަށް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާންމުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ދިވެހި ފިލްމު “ލިލީ” ގެ ފަހު ފަސް ޝޯގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

މި ފިލްމުގެ ޝޯވތައް ދައްކާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. ހުރިހާ ޝޯވތަކެއްގެ ޓިކެޓުވެސް މިހާރު އޮންލައިންކޮށް ގަނެވޭނެ އެވެ. އޮންލައިން މެދުވެރިކޮށް ޓިކެޓު ގަނެވޭނީ www.book.lilythemovie.com އަށް ވަދެގެންނެވެ. ނުވަތަ 7505079 ގެ ވައިބާ މެދުވެރިކޮށެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމުގެ އަސަރުގަދަ ކަމާއި ހާދިސާތައް ދައްކުވައިދީފައިވާލެއް އިބުރަތްތެރިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުންވެސް މިފިލްމަށް އަންނަނީ ބޮޑު ތަރުހީބެެއް ލިބެމުންނެވެ.

މި ފިލްމުގެ ދެ ލަވައެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން “ހިތްކަތިލިޔެ” އަދި “ގިސްލާ ރޮއެ” ދެ ލަވަވެސް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ޓްރެންޑު ވަމުންނެވެ.

އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ “ލިލީ” ގައި ބޮޑު ކާސްޓިންއެއް ހިމެނެ އެވެ. އެގޮތުން ފެންނަ ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމް އަދި އަލީ ފާރުގުވެސް ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު، ޔޫއްޕެވެސް ހާއްސަ ރޯލަކުން ފިލްމުގައި ފެނިގެން ދެއެވެ.