މުނިފޫހިފިލުވުން ދިވެހި ސިނަމާ

ދެން އޮތީ ލިލީގެ ފަހު ތިން ޝޯވ، އަވަހަށް ޓިކެޓު ނަގާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ފިލްމު ލިލީގެ މަންޒަރެއް

މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ލިލީ" ގެ ވަދާއީ 3 ޝޯވގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ ދެން ދައްކާނީ ފަހު ތިން ޝޯވ އެވެ. އެއީ މިރެއާއި މާދަމާ ރޭގެ އިތުރުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ޝޯވ އެވެ. މި ޝޯވތަކުގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުގެ އިތުރުން ފިލްމުގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com ގެ އިތުރުން ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ގަނެވޭނެ އެވެ.

ދިވެހި ފިލްމު "ލިލީ" އޮލިމްޕަހުގައި ދައްކަން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓު ވިއްކަން ފުރަތަމަ ފެށި ދުވަހު އޮލިމްޕަސް ކުރިމަތީގައި ކިޔު ދަމައިލި އެވެ. މިފިލްމުގެ ދަންވަރު ޝޯވތަކެއްވެސް ހައުސްފުލްކޮށް ވަނީ ދައްކައިފަ އެވެ.

މައިވަންތަކަމުގެ ލޯބިން މަހުރޫމުވެފައިވާ ފުރާވަރު އަންހެން ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް ކިޔައިދޭ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ "ލިލީ" އަކީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގުވެސް ފިލްމުން ފެނެ އެވެ. މިހާރު ސިނަމާގައި ދައްކަމުންދާ ޑައިރެކްޓާޒް ކަޓުގައި މަގުބޫލު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސީންއެއްވެސް ވަނީ ހިމަނައިފަ އެވެ.

މިފިލްމަކީ މިއަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމެވެ. މިފިލްމު ބެލި އެންމެންވެސް ވަނީ ފިލްމުގެ ތަފާތު ކަމާއި ވާހަކަ ގެނަސްދީފައިވާލެއް އަސަރުގަދަކަން ފާހަގަކޮށްފަ އެވެ. މިފިލްމަށް އަތޮޅު ތެރޭގެ ރަށްތަކުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު 50 އަށްވުރެއް ގިނަ ރަށުގައި މިފިލްމު ވަނީ އަޅުވައިފަ އެވެ.

Ads by HDC