ޚަބަރު

ރިޓަޔަރވުމަށް ފަހު މަޤާމަކަށް ނިކުންނަ ނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓައިލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ސިވިލް ސާވީސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ސީއެސްސީ

ދައުލަތުގެ މަޤާމަކުން މުސްކުޅި ކުރުމަށްފަހު އެނބުރި ދަޢުލަތުގެ މަޤާމަކަށް އަތުވެއްޖެނަމަ ޕެންޝަން ފައިސާ އުނިކުރާގޮތަށް ސިވިލް ސާރވިސް ޤަވާއިދު އިސްލާޙުކޮށްފިއެވެ.

Ads by STELCO

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައި ވަނީ ދަޢުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަޤާމަކަށް އިންތިހާބުވެއްޖެ ނަމަ، ނުވަތަ ދަޢުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް ޕެންޝަން އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އެހެން ވަޒީފާއެއް އަދާކުރާ ނަމަ، މުސްކުޅި ކުރުމަށް ފަހު އަލުން އަދާ ކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަޤާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތުގެ މަތީން އަންގަން ޖެހޭ އެންގުން، ނާންގައި އޮތުމުގެ ސަބަބުން އެ ފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށެވެ.

ސިވިލް ސާރވިސް ޤަވާއިދަށް ގެނެވުނު އިޞްލާޙަށް ޢަމަލުކުރުމަށް މިއަދު ވަނީ ފަށައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!