ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ހުޅުވައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވާ، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް ނެތުމެވެ. އަދި ހާއްސަކޮށް އެ އަތޮޅުގައި ހުރި މަދު ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ބަންދުކޮށްފައި އޮތުމެވެ.
ޝަންގްރިއްލާ ރިސޯޓު 2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބަންދުކުރިއިރު އެ ރިސޯޓުގައި 500 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރިއެވެ. އެހެންކަމުން އެ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ އައްޑޫ ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދުން ވަޒީފާގެ ފުރުސަތު ލިބުމުގެ އުންމީދު އައުވާނެ ކަމެކެވެ.
ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާ އެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން، ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.
ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ.
