ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރަނީ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރަން ވެމްކޯއިން ނިންމައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރުމަކީ ރައީސްއުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރަން އެ ކުންފުނިން ނިންމައިފައިވާ ކަމަށެވެ. އަދި ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފްކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ހަމައެހެންމެ، އެ މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް ވެމްކޯއިން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަންއިން ބުންޏެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ދުވަސްވަރު މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅައިފައިވާ އިރު ވެމްކޯއިން ކުނި ނަގަން ޗާޖުކުރާ ފީ ކުޑަކުރުމަކީ އެ ވިޔަފާރިތަކަށް ލިބޭނެ ލުޔެއްކަމަށް ވިޔަފާރިވެރިން ބުނެއެވެ.

