މަޝްރޫޢުތަކަށް ގެންނަ ވެހިކަލްތައް ކުއްޔަށްދޭ ނަމަ ވެހިކަލް ހިފަހައްޓާނެ
އެކިއެކި މަޝްރޫޢުތަކަށް ޚާއްޞަކޮށްގެން ، ޑިއުޓީ މާފްކޮށް ރާއްޖެ އެތެރެކުރާ ވެހިކަލްތައް ކުއްޔަށްދީ ، ޤަވާޢިދާ ޚިލާފަށް ބޭނުންކުރާ ނަމަ އެ ފަދަ ވެހިކަލްތައް މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނާނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ކަސްޓަމްސްއިން ބުނީ މަޝްރޫޢުތަކަށް ގެންނަ ވެހިކަލްތައް ، މަޝްރޫޢުތައް ނިމުމުން ވެސް ރާއްޖެއިން ނުގެންގޮސް ޑިއުޓީ ނުދައްކައި ކުއްޔަށްދޭ ނަމަ އެ ވެހިކަލެއް މިއަދުން ފެށިގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް އެ ފަދަ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެ ފަދަ ވެހިކަލްތަކުން އިމްޕޯޓް ޑިއުޓީ ނެގުމުގެ މަސައްކަތް ވެސް މިއަދުން ފެށިގެން ކުރިއަށް ގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ކަސްޓަމްސްއިން މި ފިޔަވަޅު އަޅައިފައި މި ވަނީ ވޭތުވެދިޔަ ޑިސެމްބަރު މަހު ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. މަޝްރޫޢުތަކަށް ، ޑިއުޓީ ނުދައްކާ ގެންނަ ވެހިކަލް ކުއްޔަށް ދިނުމުގެ މައްސަލަ ، އެ ބައްދަލުވުމުގައި ވިޔަފާރިވެރީން ވަނީ އުފުލައިފައެވެ.

