ރިޕޯޓް

އޮފްޝޯ ބަންކަރިން ؛ ކުރިން ނުލިބޭ އާމްދަނީ، މިހާރު ލިބޭ

  • ސަރުކާރުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިން ހިއްކައިގެން ފެސިލީޓީ ހަދަން ފަށަން ތައްޔާރުވަމުން
ފާތިމަތު އަފްނާން ، ދެން އޮންލައިން
އިހަވަންދިއްޕޮޅުގައި މިދިޔަ ހަފުތާގައި ބަންކަރިން ހިދުމަތް ހޯދަން އައި އުޅަނދެއް -- ފޮޓޯ: މޫސަ

ބަންކަރިން ނުވަތަ ކަނޑުމަތިން އަންނަ އުޅަނދު ފަހަރަށް ހިދުމަތް ދިނުމަކީ ރާއްޖެއަށް އާކަމެއް ނޫނެވެ. އަމިއްލަ ވިޔަފާރި ކުންފުނިތަކުން މިކަން ކުރަމުން ގެންދާއިރު ދިވެހި ސަރުކާރުން އަބަދުވެސް މިކަން ގައުމީ ފެންވަރުގައި ފަށަން ދެއްކީ ހުސް ވާހަކަ އެވެ. އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ. އަމިއްލަ ކުންފުނިތަކުން އަވަށްޓެރި ގައުމުތަކުގެ ތެޔޮ ބާޖުތައް ރާއްޖެ ސަރަހައްދާ ކައިރިކޮށްގެން ވެސް ހިދުމަތް ދެމުން ގެންދެ އެވެ. ނަމަވެސް މިކަމުން ދައުލަތަށް އެންމެ ލޯލާރިއެއްވެސް ނުލިބެ އެވެ. އެކަން ކުރަން ކިޔަނިކޮށް ކައިރި ގައުމުތަކުގައި މި ވަސީލަތް ގާއިމްކޮށް ދިވެހިންނަށް އޮތް ފުރުސަތުތައް ހަނިކުރި އެވެ. ނަަމަވެސް ބަންކަރިން ފެށުމުގެ ތާރީހަކީ ދިގު ތާރީހެކެވެ. މިގޮތުން 1980 އާއި 1990 ގެ އަހަރުތަކުގައި ރާއްޖޭގެ ދެކުނާއި އުތުރުގައި ބަންކަރިން ޚިދުމަތް ފެށުމަށް ސަރުކާރުން ތަފާތު ދިރާސާތަކެއް ކުރި އެވެ. އަދި އިހަވަންދިއްޕޮޅަކީ ބައިނަލްއަޤްވާމީ މައި ކަނޑު މަގު ކަމަށްވުމާއެކު "އަށް ޑިގުރީ ޗެނަލް" ގައި މިކަން ފަށަން ގިނަ ރޭވުންތަކެއް ރޭވި އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން އުތުރުގައި ބިޔަ ބަނދަރަކާއި ބަންކަރިން ފެސިލިޓީއެއް ހެދުމަށް "އައިހެވަން" ގެ ނަމުގައި މަޝްރޫޢެއް އިޢުލާން ކުރެވުނެވެ. ނަމަވެސް މި ހުރިހާކަމެއްވެސް ކުރީ ކަރުދާހުގަ އެވެ. އޭގައި ކުލަ ޖައްސާނެ ވެރިއަކު ރާއްޖެއަކަށް ނަ އެވެ.

Ads by STELCO

ނަމަވެސް، ރައީސް ޑރ، މުހައްމަދު މުއިއްޒު ވެރިކަމަށް ވަަޑައިގެން މި މަސައްކަތް ކޮންމެސް ހިސާބަކުން ފަށަން ނިންމި އެވެ. މިގޮތުން ކަނޑުމަތީގައި އޮފްޝޯކޮށް ފަށައި މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ނެޓްވޯކް ވިޓޯލް ބަންކަރިންގެ ޗާޓަށް ރާއްޖެ ލިޔެ އެވެ. މި ތާރީހީ ތާރީހަކީ 2024 ސެޕްޓެމްބަރު 19 އެވެ. އެ ދުވަހުން މަސައްކަތް ފެށީ އުތުރު ތިލަދުންމަތީ (އިހަވަންދިއްޕޮޅު) ގައެވެ. މަސައްކަތް ހަވާލުކުރީ ސަރުކާރުގެ އެސްޓީއޯއާއި އެމްޕީއެލްއާ އެވެ.

ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ސަރުކާރުން މި މަަސައްކަތް ފެށި ދުވަހު ބުނެފައިވަނީ މިއީ 400 މިލިއަން ޑޮލަރުގެ ޕޮޓެންޝަލް ހުރި ދާއިރާއެއް ކަމަށެވެ. މިހާރުވެސް ބައެއް ބޯޓު ފަހަރު މި ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތައް ހޯދަން ރާއްޖެ ވަނީ އަންނަން ފަށާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއްގެ އިތުރުން ޓެކުހުގެ ގޮތުގައި ވަނީ 17 މިލިއަން ރުފިޔާ ލިބިފަ އެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ފަހު ކޮޅާހަމައަށް މި ވިޔަފާރިން ރާއްޖެއަށް ވަނީ 282 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކުހުގެ 70 މިލިއަން ރުފިޔާ ވަނީ ޓެކުހަށް ލިބިފަ އެވެ.

"މީގައި އެންމެ ހިތްހަމަ ޖެހޭ ކަމަކީ ބަންކަކުރި ޕްރޮޑަކްޓުގެ 72 ޕަސެންޓަކީ ރާއްޖެއަށް މުޅިންއާ އުފެއްދުން. މީގެ މުސްތަގުބަލް އޮތީ. މި ކޮޅެއްގައި މި ޖެހެނީ، މިއީ ކުރިން ނުލިބޭ އާމްދަނީއެއް،" ސައީދު ވިދާޅުވި އެވެ.

މި މަސައްކަތާއެކު ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފެށުމަށެވެ. އެނގިފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަަވަންދިއްޕޮޅު ހިއްކައިގެން ބަންކަރިން ފެސިލިޓީ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އެވެ.

މި މަސައްކަތުގެ ދަށުން ބިން ހިއްކައިގެން ހޯރަފުށީ ކައިރީގައި ބަންކަރިން ފެސިލީޓީ ތަރައްގީ ކުރާނެ އެވެ. މިކަން ވެގެންދާނީ ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި މިއީ 1972 ގައި ތަރައްގީވި ޓޫރިޒަމަށްފަހު އާ ސިނާއަތެއް އުފެދުމަށް ހުޅުވިގެންދާނެ އާ ދޮރަކަށްވާނެ އެވެ.