ޚަބަރު

ސިވިލް ސާވިސްގެ ހެދުން އެޅުމުގެ ގަވައިދަށް ގެނައި އިސްލާހަށް އަދާލަތު ޕާޓީގެ ތާއީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، ރަސްމީ ގަޑީގައި ހެދުން އެޅުމުގެ ގަވައިދަށް ގެނައި އިސްލާހަށް އިދިކޮޅު އަދާލަތު ޕާޓީން ތާއިދުކޮށްފިއެވެ.

Ads by STELCO

ސިވިލް ސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވައިދަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ހަފްތާގައެވެ.

އެގަވައިދުގައި އަންހެން މުވައްޒަފުން، ރަސްމީ ގަޑީގައި ފާސްކުރި ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު ކަރު ހުންނަން ވާނީ "މުޖުތަމައުގެ އަދަބާ ހިލާފާނުވާގޮތަށް ކަރުވަޅު ނިވާވާ ގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އިސްލާހުތަކަށް އެމްޑީޕީން ފާޑުކީ ނަަމަވެސް އެމްޑީޕީއާ އެކު އިދިކޮޅުގައި މިހާރު ވެސް އޮތް ، އަދާލަތު ޕާޓީން ވަނީ ތާއީދުކޮށްފައެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އިސްލާހުތަކަކީ ދީނުގެ އެންމެ ފުރިހަަމައަށް ހެދުން އެޅުމާ ދިމާލަށް ނުދެވޭ އިސްލާހުތަކެއް ނަމަވެސް އެއީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތްތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދާލަތުން އިތުރަށް ބުނީ އައުރަ ނިވާކުރުމަކީ ﷲތައާލަގެ ފުރިހަަމަ އަމުރުފުޅެއް ކަމަށާއި އެ އަމުރުފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ބާވާލެއްވި ހުކުމްފުޅާ ދެކޮޅުހެދުން ކަމަށެވެ. އެެހެންކަމުން އެއީ މުއުމިނު އަންހެނަކަށް ވެސް އަދި ފިރިހެނަކަށް ވެސް އިހުތިޔާރު ލިބިގެންވާކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ސިވިލް ސަރވަންޓުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި އިޞްލާޙަށް އަދާލަތުން ތާއީދުކުރި އިރު އެމްޑީޕީން ދެކެނީ އެއީ ފަރުދީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައެވެ. އެ އިސްލާޙްތައް އުވައިލުމަށް ގޮވައިލާ އެ ޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ރައީސް ، ރައީސް ނަޝީދު ވެސް ވަނީ އެއީ ޒާތީ ދިރިއުޅުމަށް ނުފޫޒު ފޯރުވުންކަމަށް ސިފަކުރައްވައިފައެވެ.

Ads by HDC