Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ އައިވީއެފް ބޭބީ އުފަންވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ އައިވީއެފް ބޭބީ އުފަންވެއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ އައިވީއެފް (އިންވިޓްރޯ ފަރޓިލައިޒޭޝަން) ބޭބީ އުފަންވެއްޖެއެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭބީ އުފަންވީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ދެމައިންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ. މި އުފާވެރި ޚަބަރު އިޢުލާންކުރައްވައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމުގެ ޚަބަރު އަޅުގަނޑު އެހީ ނުހަނު އުފަލާ އެކު ކަމަށާއި މާތް ﷲގެ މިންވަރުފުޅާ އެކު ލިބުނު މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށެވެ. ޢަބްދުއްރައްޒާޤު ވަނީ މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެ ޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވައިފައެވެ. "އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަން. އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް. މި ކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024ގައި ރަސްމީކޮށް އެ މަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީން" ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ. މި ފަޚްރުވެރި މުނާސަބަތުގައި ސީއީއޯ ވަނީ، މި މުހިންމު ޚިދުމަތް ފަށްޓަވައި، ރާއްޖޭގައި މި ޚިދުމަތް މުޅިން ހިލޭ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށް ޓަކައި ރައީސް މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. އައިވީއެފްއަކީ ދަރިމައިވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ރާއްޖޭގައި މި ޚިދުމަތްދެނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް