ދީން

މިއަދު ގިނަ ދަރިންގެ ޙަޔާތުގައި މަދު ވަނީ ބައްޕަގެ ދުޢާއެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

މައިންނާ ޚިލާފަށް ބަަފައިންނަކީ އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި ގިނަފަހަރު ދަރިންނާ ދުރުގައި ގިނަވަގުތު ތަކެއް ހޭދަކުރަން ޖެހިފައިވާ ބައެއްކަން އެންމެން ވެސް ޤަބޫލު ކުރާނެއެވެ. އެއްވެސް ހާލެއްގައި އެއީ ބައްޕަ ދަރިންދެކެ ލޯބިނުވާާތީ ނުވަތަ ދަރިންނާ އެކު ވަގުތު ހޭދަކުރަން ބޭނުން ނުވާތީއެއް ނޫނެވެ. އެއީ ، އާއިލާގެ އިސް މީހަކީ ބައްޕަކަމަށް ވެފައި އާއިލާގެ ބެލެހެއްޓުންތެރިޔަކީ ބައްޕަކަމަށްވުމުން މުޅި އާއިލާއަށް ޓަކައި ބައްޕަވާ ޤުރުބާނީއެކެވެ.

Ads by Hajj Corporation

ކިތަންމެ ދުރުގައި މަސައްކަތް ކުރަން ޖެހުނަސް ބައްޕަގެ އެންމެ އިސް ވާޖިބަކަށް އަބަދު ވެސް ވާންޖެހޭނީ އާއިލާއެވެ. ދުރުގައި އުޅުމަކީ އާއިލާ މަތިން ހަނދާން ނެތެން ޖެހޭ އުޒުރެއް ނޫނެވެ. ވީވަރަކުން ގުޅައި ހާލުބަލައި އަނބި ދަރިންނާ ވާހަކަ ދައްކަން ޖެހެއެވެ. ގުޅުން ބަދަހި ކުރަން ޖެހެއެވެ. ނަމަވެސް ހިތާމައަކީ ވަރަށް ގިނަފަހަރު ދުރުގައި އުޅެން ޖެހުމަކީ ގުޅުން ހީނަރުވާން މެދުވެރިވާ ސަބަބަކަށް ވުމެވެ.

ކޮންމެ ބައްޕަޔަކީ ވެސް ދަރިންނަށް ހެޔޮދުޢާ ކުރާ ބައްޕައަކަށް ވާށެވެ. ސަބަބަކީ ބައްޕަގެ ދުޢާއަކީ ދަރިންގެ ޙަޔާތަށް ވަރަށް މުހިންމު ދުޢާއެކެވެ. ދަރިންނަށް ދުޅަ ހެޔޮ ސިއްޙަތަކާއި ބާއްޖަވެރި ދިރިއުޅުމެއް ދެއްވުން އެދި ބައްޕަ އުފުލާ އަތަކީ ބާރުގަދަ އަތެކެވެ.

އަބޫ ހުރައިރާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ)) މާނައީ: “ޝައްކެއްނުވާ، އިޖާބަކުރަނިވި ތިން ދުޢާއެއް ވެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕައަކު އޭނާގެ ދަރީގެ މައްޗަށްކުރާ ދުޢާއެވެ.”

މިއަދު ގިނަ ދަރިންގެ ޙަޔާތުގައި މަދުވެގެން އުޅޭ އެއްޗަކީ ބައްޕަގެ ހެޔޮދުޢާ ކަމަށް ވުމަކީ ވުން ވަރަށް ގާތްކަމެވެ. ބައްޕަގެ ދުޢާކީ ސަމާސާއެއް ނޫނެވެ. ހަޤީގަތެކެވެ. އިބްރަތަކަށްޓަކައި ވަރަށް ކުޑަ ކުޑަ ހަޤީގީ ހާދިސާއެއް ވެސް މިތާ އަޅުގަނޑު ނަކަލު ކޮށްލާނަމެވެ. ދަރިޔެއްގެ ވިޔާނުދާ އުޅުން އިސްލާހްވެ އެ ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ ބައްޕަޔަކު ދުޢާކުރާތާ ބަރާބަރު ވިހި އަހަރު ފަހުން މާތް ﷲ ގެ ހެޔޮ ރަޙުމަތުން އެ ބައްޕަގެ ދުޢާ އިޖާބަކުރައްވާ އެ ދަރިފުޅަށް ތެދުމަގު ލިބިގެން ދިޔައެވެ. 

ދަރިންދެކެ ލޯބިވާ ވާހަކަ އަބަދު ނުބުނެވުނަސް ދަރިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. އެއީ ދަރިޔަށް ޓަކައި ބައްޕައަކަށް ކޮށްދެވޭނެ އަގު އަދާ ނުކުރެވޭނެ ވަރުގެ އަގު ބޮޑު ކަމެކެވެ. ދަރީންނަށް ހެޔޮދުޢާ ކުރާށެވެ. ދަރިންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ، އިންޝާ ﷲ ދަރިފުޅާއި ބައްޕަ ވެސް ދެކޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!