ރިޕޯޓް

ޓެކްސް ބޮޑު ކުރުމުން ފާޑުކީ މީހުންގެ އަންދާޒާ ދިމަލެއް ނުވި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ރަސްމީކޮށް ރައީސް އިފުތިތާހު ކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

ޓީޖީއެސްޓީއާއި ގްރީން ޓެކްސް މަތިކުރުމުގެ ވާހަކަ މި ސަރުކާރުން ،ފުރަތަމަ ދެއްކީ 2024ގެ މެދުތެރޭގައެވެ. އެ ވާހަކަ ދައްކަން ފެށުމާ އެކު ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ސޯޝަލް މީޑިއާގައި ފާޑުކިޔާ ނަން މަޝްހޫރު ގިނަ ބަޔަކު އެކަމަށް ހަޖޫޖެހިއެވެ. ފާޑުކިއެވެ. އެމީހުންގެ މައިގަނޑު މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖީއެސްޓީ ރޭޓުތައް މަތިކޮށްފައި ވަނިކޮށް މި ސަރުކާރުން އަނެއްކާ ވެސް ޓެކްސް ރޭޓުތައް މައްޗަށް ޖެއްސުމެވެ. އެކަމާ އެންމެ ބޮޑަަށް އަޑުލީ އެއް ބޭފުޅަކީ އިނަ މޯލްޑިވްްސް ކުންފުނީގެ ވެރިޔާ އަދި ފަތުރުވެރިކަމުގައި ވަރަށް ވާހަކަ ގިނަ މުހައްމަދު ފިރާގެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދިޔައީ މިކަމުގެ ސަބަބުން ޓޫރިޒަމް އާމްދަނީ ހީނަރުވާނެއެވެ. އަދި ޓޫރިސްޓުން އައުން ވެސް މަދުވާނެ އެވެ. ނަމަވެސް ކަންވީ އެގޮތަށް ނޫންކަން މިހާރު އެ އޮތީ ފެންނާށެވެ.

Ads by STELCO

ސަރުކާރުން އެ ފަހަރު ޓެކްސް ރޭޓްތައް ބޮޑު ކުރި 2025 އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ މި ބަދަލާ އެކު ޓޫރިޒަމް ސިނާއަތުން ނަގާ ޖީ.އެސް.ޓީ 17 ޕަސެންޓަށް މަތި ކުރިއެވެ. އަދި ރިސޯޓްތަކާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކުން ކުރިން ބޮލަކަށް 6 ޑޮލަރު ނެގި ނަމަވެސް އެ އަދަދު 12 އެމެރިކާ ޑޮލަރަށް މަތި ކުރިއެވެ. އަދި ގެސްޓްހައުސްތައް (50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ބޮލަކަށް 3 ޑޮލަރު ނެގި ނަމަވެސް، މިހާރު ނަގަނީ 6 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ އެއާޕޯޓް ޑިވެލޮޕްމަންޓްއާއި ޑިޕާޗާ ޓެކްސް ބޮޑު ކުރުމެވެ.

އިތުރު ފީއަށް އެ އަހަރު ގެނައި ބަދަލު 

އިކޮނޮމިކް ކްލާސް: 30 ޑޮލަރުން 50 ޑޮލަރަށް.
ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް.
ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް.
ޕްރައިވެޓް ޖެޓް: 120 ޑޮލަރުން 480 ޑޮލަރަށް.

ސުވާލަކީ މި ބަދަލުން ކުރި އަސަރަކީ ކޮބައި ހެއްޔެވެ؟ ޓޫރިޒަމް ސިނާއަތަށް ދެރައެއް ވެއްޖެ ހެއްޔެވެ؟ ޓޫރިޒަމްގައި އުޅޭ ވިޔަފާރިއަކަށް ލިބުނު އެއްޗެއް މަދު ވެއްޖެ ހެއްޔެވެ؟

ވަކިވަކި އެންމެ ވިޔަފާރިއަކަށް ލިބުނު އާމްދަނީއަށް ބަލާ ނަމަ ރިސޯޓްލައިފް ކުންފުންޏަށް މިދިޔަ އަހަރު ނުނިމި އުޅެނިކޮށް ވަނީ 100 މިލިއަން ޑޮލަރުގެ ސޭލްސްއެއް ވައްދައިފައެވެ. އެ ކުންފުނީގެ ޓާގެޓަށް ގޮސްފައެވެ. އަދި ޓޫރިޒަމް ސިނާއަތަށް މިދިޔަ އަހަރު 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަަރަށް ވުރެ 16 ޕަސެންޓުގެ އިތުރުވުމެކެވެ.

ވިޒިޓް މޯލްޑިވްސްއިން ވެސް ވަނީ މިކަން ފާހަގަ ކޮށްފައެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ލަގްޒަރީ ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސް ސިނާއަތް ފުޅާވެ ދައުލަތަށް ވަންނަ ޑޮލަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރު އިތުުރުވެފައެވެ. ޚާއްޞަކޮށް ޓީޖީއެސް.ޓީއާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އަދި މާކެޓިންގ ކެމްޕޭންތަކުގެ ސަބަބުން ގިނަ ދުވަހު މަޑުކުރާ އަދި ގިނައިން ހޭދަކުރާ މަތީ ފަންތީގެ ފަތުރުވެރިން އައި މިންވަރު އިތުރުވެފައިވެއެވެ. މީގެ އިތުރުން  ޗައިނާ އަދި ޔޫރަޕްގެ މާކެޓަށް ބަލާއިރު މި ގައުމުތަކުން އައި ފަތުރުވެރިން ރާއްޖޭގައި ކުރާ ހޭދަ އިތުރުވެފައި ވެއެވެ. އަދި މައިސް ޓޫރިޒަމް ކޮންފަރެންސްތަކާއި ބޮޑެތި އިވެންޓްތަކަށް އައި ފަރާތްތަކުގެ ސަބަބުން އިތުރު އާމްދަނީއެއް ލިބިފައި ވެއެވެ.

މި ހުރިހާ ކަމަކުން އެނގެނީ އެންމެ ކަމެކެވެ. އެއީ ޓޫރިޒަމްގައި އަނގަތެޅި މީހުން އެ ދުވަހު ދެއްކީ ހުސް ވާހަކަކަމެވެ. އެމީހުން ދެއްކި އެއްވެސް ވާހަކައެއް ދިމާނުވިކަން މި އެނގުނީ މިއަދުއެވެ.

Ads by HDC